ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ފަށައިފިއެވެ.
މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު، ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ތައާރަފް ކޮށްފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެމުން އަންނަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުالله ޔާމީން (ޔާނު) އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑް އެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެންވީކޭއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 19 ލައްޔާހްއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެންވީކޭގެ ލައްޔާހް
މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ހިޔާ ނުކުންނާނީ 22 ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި ރޭ ކުޅޭ ފުރަތަމަ މެޗުގައި އާރުވީއެސްއޭ ބައްދަލުކުރާނީ ހިޔާ ޓީމާއި ދެކޮޅަށެވެ. މިރޭގެ ދެވަނަ މެޗުގައި 22 ސްޕޯޓްސް ނުކުންނާނީ އެންވީކޭއާއި ދެކޮޅަށެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ހިޔާ، 22 ސްޕޯޓްސް ކަލްބް، އާރުވީއެސްއޭ، މި ތިން ޓީމަކީ ހޯރަފުށީ ޓީމްތަކެވެ. ދެން މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގައި ފައިނަލް މެޗު ކުޅޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑާމީތަކާއި އަމިއްލަ އިސްނެގުމުގެ މަތީން ކުޅުންތެރިން އަދި ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!