އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް ކަމަށް ސީރިއާގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ސީރިއާގެ އައު ވަގުތީ ބޮޑުވަޒީރު މުޙައްމަދު އަލް-ބަޝީރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ "ބޭރުގައި ތިބި މިލިއަނުން ގުނާލެވޭ ސީރިއާގެ ރެފިއުޖީން އަނބުރާ ގެނައުން" ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސީރިއާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވަނީ "އިސްތިޤްލާލާއި ހަމަޖެހުން" ކަމަށެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ ސީރިއާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުގެ މިދަނޑިވަޅުގައި އެ މަސައްކަތަށް ވެސް ހުރަސްއެޅޭ ގޮތަށް އިސްރާއީލުގެ ސިފައިން ސީރިއާއަށް ހަމަލާތައް ދެމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސީރިއާއަށް 480 ހަމަލާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްރާއީލުންވެސް މިކަން ވަނީ ކަށަަވަރު ކޮށްދިފައެވެ. އިސްރާއީލުން ބުނީ މި ހަމަލާތަކުގައި 15 ކަނޑު އުޅަނދާއި، އެންޓި-އެއަރކްރާފްޓް ބެޓަރީތަކާއި، އެކި ސިޓީތަކުގައި ހުރި ހަތިޔާރު އުފައްދާ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ.

އަލް-ބަޝީރު އިތުރަށް ވިދާޅުވެފައިވަނީ ބައްޝާރު އަލް-އަސަދުގެ ވެރިކަމުގެ އިސް ވެރިންނާއެކު މަސައްކަތްކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ޚިދުމަތްތަކާއި މުއައްސަސާތައް އަލުން ރަނގަޅުކުރުމަށް ކަމަށެވެ.

މި ދަނޑިވަޅުގައި، ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ ސީރިއާގެ އިރުމަތީ އުތުރުގައިވާ ދެއިރު އަޒް-ޒޯރު ސިޓީ ކުރުދީންގެ ބާރުގެ ދަށުން ނަގާފައިވާ ކަމަށެވެ. އަދި ހަޔާތު ތަޙްރީރު އަލް-ޝާމްގެ ލީޑަރު އަޙްމަދު އަލް-ޝަރާއާ (އަބޫ މުޙައްމަދު އަލް-ޖޫލާނީ) ވަނީ ސީރިއާ އަލުން ބިނާކުރުމަށް ވަޢުދުވެފައެވެ. އޭނާ ބުނެފައިވަނީ 14 އަހަރުގެ ހަނގުރާމައަކަށްފަހު ސީރިއާގެ ރައްޔިތުން ވަނީ "ވަރުބަލިވެފައި" ކަމަށެވެ.