އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މާލޭ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއިއެކު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހެނީ މިނިސްޓްރީ އަށެވެ.

Ad
rt

ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ. ރަށްރަށުގައި ނަމަ ފޯމު ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.

މިނިސްޓްރީން ވަނީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފައެވެ. ކޮންމެ ރެޔަކަށް 700 ރުފިޔާގެ އެލަވަންސެއް ހާފިޒުންނަށް ދޭން މިނިސްޓްރީން ނިންމާފައިވާއިރު، ކޮންމެ މިސްކިތަކަށް ދެ ހާފިޒުންނަށް އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ހާފިޒުންނަށް އެލަވަންސް ގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާއެވެ.