ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް، ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަން އާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ދެ މީހުންކަމަށްވާ، ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27އ) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ) އެވެ.
މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500އެމްއެލްގެ 116 ފުޅިއާއި 5ލީޓަރުގެ ހަ ފުޅި ފެނިފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!