ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މަޔޯކާގެ ދަނޑުގައި ރޭ ބާސާ މޮޅުވެފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

އުމުރުން 17 އަހަރުގެ ޔަމާލްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާއިތުވި މަސްދުވަހެއްހާ ދުވަހު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ މުއްދަތުގައި ބާސާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމް ވަނީ ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ މުހިންމު ޕޮއިންޓްތަކެއް ގެއްލިފައެވެ.

Ad
rt

މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ބާސާގެ ކޯޗް ފްލިކް ބުނީ ޔަމާލްއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ފަރާތުން އަބަދުވެސް ޓީމަށް ބޮޑެތި ފައިދާތަކެއް ވަމުން އަންނަ ކަމަށެވެ.

ފްލިކް އިތުރަށް ބުނީ ރޭ މެޗުގައި ޓީމްގެ ފަރާތުން ފެނުނު ކުޅުމާއިމެދު އުފާކުރާ ކަމަށާއި، ޓީމުން މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ލަނޑުޖަހާފައި ވަނިކޮށް އިދިކޮޅު ޓީމުން ކައުންޓަ އެޓޭކްގައި ލަނޑެއް ޖެހިނަމަވެސް ދޫނުދީ ޓީމް ކުރި މަސައްކަތުން މޮޅުވުމުން، މި މޮޅާއިމެދު ޓީމު ވަރަށް އުފަލުން ތިބިކަމުގައި އޭނާ ބުންޏެވެ.

ރޭމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މަޔޯކާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މުރީޗީއެވެ.

ބާސާއިން ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ތަފާތު ދައްކާފައެވެ. ބާސާގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރަފީނިއާއެވެ. މި ޕެނަލްޓީއަކީ މަޔޯކާގެ ޑިފެންސުން ޔަމާލްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ރަފީނިއާ ޖަހާފައި ވަނީ ވެސް ޔަމާލްގެ އެހީތެރިކަމާއި އެކުއެވެ. އެ ޓީމްގެ ހަތަރުވަނަ ލަނޑު ޑިޖޮން ޖަހައިދިންއިރު ފަސްވަނަ ލަނޑު ޖެހީ ޕައު ވިކްޓަރ އެވެ.

މި މޮޅާއިއެކު ބާސާ އެއްވަނާގައި އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލަށް 14 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިރޭ ރެއާލް ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާއި ދެކޮޅަށެވެ.