ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މަރުކަޒުތަކެއް ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ.

މިގޮތުން އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި މި މަރުކަޒުތައް ޤާއިމުކުރުމަށް ވަޒީރުންގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

Ad
rt

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފައްޓަވަން ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި ޚިދުމަތް ތަޢާރުފްކޮށް، މަރުކަޒުތައް ގާއިމުކުރުމަށް ކަމާބެހޭ އިދާރާތަކުގެމެދުގައި މަޝްވަރާކުރައްވައިގެން ޞިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ، މާލެ ސަރަޙައްދާއި ރީޖަނަލް، ސިޓީތަކުގައި މިމަރުކަޒުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި، މި މަރުކަޒުތައް ޤާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކޮށް، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ފާހަގަކޮށް، މި މަސައްކަތް އަވަސްކުރެއްވުމަށް ވެސް ނިންމަވާފައެވެ.

އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކު ޤާއިމުކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ނިންމަވާފައެވެ.