ފްރާންސްގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެއްޖެއެ.
މިގޮތުން، ބުދަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ބަޖެޓް ފާސްކުރުމުގައި ވޯޓު ނުނަގައި ކުރިއަށް ދިއުމަށް ބޭނުންވާތީ، ވާތުފިޔައިގެ ޕާޓީތަކާއި ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ހުށަހެޅުމެކެވެ.
މި ހުށަހެޅުން ފާސްވެއްޖެނަމަ، ސަރުކާރު ވެއްޓި، ބޮޑުވަޒީރު މިޝެލް ބާނިއޭ އިސްތިއުފާދޭން ޖެހޭނެއެވެ. އޭނާ މި މަޤާމުގައި ހުންނަތާ އަދި ދެމަހާއި ބައި ވެސް ނުވެއެވެ.
ވާތުފިޔައިގެ ޕާޓީތަކުގެ އިއްތިހާދު ކަމަށްވާ "ނިއު ޕޮޕިއުލަރ ފްރަންޓް" (އެންއެފްޕީ) އިން ކުރިން ވެސް ބުނެފައިވަނީ ، ސަރުކާރުން "49.3" ޤާނޫނުއަސާސީގެ މާއްދާ ބޭނުންކޮށްގެން އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު ފާސްކުރަން އުޅެފިނަމަ، އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް ހުށަހަޅާނެ ކަމަށެވެ.
ހަމައެހެންމެ، ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ "ނެޝަނަލް ރެލީ" (އާރްއެން) ޕާޓީގެ މެރިން ލޫ ޕެން ވެސް ވަނީ އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް ހުށަހަޅާނެކަމަށް ހޯމަ ދުވަހު އިޢުލާނުކޮށްފައެވެ.
"ފްރާންސްގެ ރައްޔިތުންނަށް މިހާރު ވަނީ ފުދިފައި، ވޯޓުދިން މީހުން ކުރިން ހީކުރި މިޝެލް ބާނިއޭއާއެކު ކަންކަން ރަނގަޅުވާނެ ކަމަށް. އެކަމަކު އިތުރަށް ގޯސްވެގެން ދިޔައީ." ލޫ ޕެން ޕާލިމަންޓުގައި ނޫސްވެރިންނަށް ބުންޏެވެ.
އެންއެފްޕީ އާއި އާރްއެންއަށް އެކުގައި ސަރުކާރު ވައްޓާލުމަށް ބޭނުންވާ މިންވަރަށް މެންބަރުން ތިބިކަމަށް ބެލެވެއެވެ. މިގޮތަށް ސަރުކާރެއް ވެއްޓިފައިވަނީ 1962 ގައި އެންމެ ފަހަރަކުއެވެ. މިކަމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ދެ މައި ބާރުވެރި ގައުމު ކަމަށްވާ ފްރާންސް އާއި ޖަރުމަނުވިލާތް ސިޔާސީގޮތުން ހަމަނުޖެހި ތިބެން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!