އުރުދުންގެ ވެރިރަށް އަމާންގައި ހުންނަ އިސްރާއީލު އެމްބަސީ ކައިރީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 3 ފުލުހުން ޒަޚަމްވެއްޖެއެވެ.
އުރުދުންގެ ސަރުކާރުގެ ނޫސް އޭޖެންސީ ޕެޓްރާއިން ބުނެފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާ ހިނގާފައިވަނީ އަންމާންގެ މުއްސަނދި ހިސާބެއް ކަމަށްވާ ރަބިއާ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވެހިކަލަކަށް މީހަކުވަނީ ބަޑިޖަހާފައެވެ. އޭގެ ފަހުން ފުލުހުން އޭނާގަޔަށް ބަޑި ޖަހައި މަރާލާފައިވެއެވެ.
އުރުދުންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަޑިޖެހި މީހާ އެ ސަރަހައްދުގައި ބަޑިޖެހުމުން ފުލުހުން އޭނާ ފަހަތުން ދުވެ، ވަށައިލާފައިވާ ކަމަށެވެ. އޭގެ ފަހުން އޭނާ ފުލުހުންނަށް ބަޑިޖަހަން ފެށުމުން، ފުލުހުން ވެސް އޭނާ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޯޑަންގެ މުވާސަލާތާ ބެހޭ ވަޒީރު މުޙައްމަދު މޮމާނީ މި ހާދިސާ ސިފަކޮށްފައިވަނީ ޤައުމުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްފައިވާ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި މި ހާދިސާއާ ގުޅޭ ތަޙުޤީޤުތައް ކުރިއަށްދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ޤައުމުގެ ސަލާމަތާ ކުޅެ، ސަލާމަތީ ބާރުތަކަށް ހަމަލާދިނުމުން ހަރުކަށި ފިޔަވަޅު އެޅޭނެ،" މޮމާނީ ރޮއިޓަރސްއަށް ބުނެފައިވެއެވެ. އަދި ބަޑިޖެހި މީހާއަކީ މަސްތުވާތަކެތި ވިއްކުމުގެ ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ބަޑިޖެހުމުގެ އަޑު އިވުމާ ގުޅިގެން، ޖޯޑަންގެ ފުލުހުން ވަނީ ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައިވާ އިސްރާއީލު އެމްބަސީ ކައިރީގައިވާ ސަރަހައްދެއް ބަންދުކޮށްފައެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުގައި، އެމްބަސީ ހުންނަ ރަބިއާ ސަރަހައްދަށް ފުލުހުންނާއި އެމްބިއުލާންސްތައް ވަރަށް އަވަސް އަވަހަށް ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!