ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ)، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން މިއަދު ޢިއުލާންކުރަށްވައިފިއެވެ.
ފަޔާ 2028ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާނެކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގަ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމަށް އޭނާ އެ ގްރޫޕްގައި ލިޔުއްވާފައިވާ މެސެޖުގައި، އެކަން ޢިއުލާންކުރެއްވުމަށްފަހު، އޭނާ އަށް ތާއީދުކޮށްދެއްވުމަށް ގައުމީ މަޖިލީހުގެ މެމްބަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
ފަޔާ އަކީ ނިމުނު އެމްޑީޕީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރެވެ. އަދި އޭނާ އަކީ ޕާޓީގެ ގުނަންތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅެކެވެ.
ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާނެކަން ފަޔާ އިއުލާންކުރެއްވިއިރު، ރިޔާސީ ޕްރައިމަރީ އަށް އިތުރުބޭފުޅުންތަކެއް ވެސް ނިކުންނަވާނެކަމަށް ވަނީ އަޑު ފެތުރިފައެވެ.
މީގެ ތެރޭގައި އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު އާއި، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ.
އެޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ޕްރައިމަރީގެ ރޭހުގައި ފަސް ނަމެއް އޮތުން އެކަށީގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!