ފެނަކަ ކޯޕަރޭޝަނުން ވޭތުވެދިޔަ އަހަރު ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކޮށް، އިތުރު 25 ރަށަކަށް މި ޚިދުމަތް ފޯރުކޮށްދީފިއެވެ. މިހާރު ފެނަކައިން ވަނީ ރާއްޖޭގެ 98 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ވޭތުވެދިޔަ އަހަރު ތެރޭގައި 21 ރަށެއްގައި ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، 4 ރަށެއްގައި ނަރުދަމާގެ ޚިދުމަތް އަލަށް ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން، 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލަކު 564 ޓަނުގެ ފެން އުފެއްދޭ އާރް.އޯ ޕްލާންޓްތައް ޤާއިމްކޮށްފައިވެއެވެ.
ރަށްރަށުގައި ޤާއިމްކޮށްފައިވާ އައު ހައުސިންގ ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މިގޮތުން ހދ. ނޮޅިވަރަންފަރު، ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއްވި އެވެ.
ފެނަކައަކީ ރާއްޖޭގެ 157 ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން، ކަރަންޓުގެ ޚިދުމަތްވެސް ފެނަކައިން ފޯރުކޮށްދެއެވެ. ފެނަކައިން ބުނާގޮތުގައި، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތް ދިނުމަށާއި ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހަންމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދަތިތަކާއި ގޮންޖެހުންތަކާއި އެކުގައި ވެސް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުގެ އަމާޒަކީ އެކުންފުންޏަކީ މުސްތަގްބަލުގައި ފައިދާވާ ރައްޔިތުންނައް އެދެވޭ ޚިދުމަތެއް ފޯރުކޮށްދެވޭ ކުންފުންޏަކަށް ވެގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!