ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ބައިޑޫ އިން އެކުންފުނީގެ އައު އޭއައި ސްމާޓް އައިނު "ޝިއާއޯޑޫ" ތަޢާރަފުކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު ތަޢާރަފްކުރި މި އައިނުގައި ހަރުކޮށްފައިވާ އޭއައި އެސިސްޓެންޓް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބައިޑޫ އިން ބުނެއެވެ.

ޝިއާއޯޑޫ އޭއައި އައިނުގެ ބަރުދަނަކީ 45 ގްރާމް ކަމަށާއި، މި އައިނުގައި 16 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި ހަތަރު މައިކްރޯފޯނު ހަރުކޮށްފައިވާ ކަމަށް ބައިޑޫ އިން ބުނެއެވެ. މީގެ އިތުރުން މި އައިނުގައި ބައިޑޫ އިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ލާޖް ލޭންގުއޭޖް މޮޑެލްތައް ބޭނުންކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް މި އައިނުގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

2024 ވަނަ އަހަރުގެ ބައިޑޫ ވޯލްޑް ކޮންފަރެންސްގައި މި އައިނު ތަޢާރަފުކުރަމުން، ބައިޑޫ އިން ބުނީ މި އައިނުގައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ ޗައިނީޒް ލޭންގުއޭޖް މޮޑެލް ބޭނުންކޮށްފައިވާ ކަމަށެވެ. އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ވިޔަރަބަލް ޑިވައިސްތަކުގެ މަޤްބޫލުކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، މެޓާގެ ރޭ-ބަން ސްމާޓް އައިނާ ވާދަކުރުމަށް މި އައިނު ނެރެފައިވާ ކަމަށް ބެލެވެއެވެ.

ބައިޑޫގެ މަޢުލޫމާތު ދޭގޮތުން، މި އައިނުގެ އޭއައި އެސިސްޓެންޓަށް ކެމެރާއާއި މައިކްރޯފޯނު މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ. އަދި ސުވާލުތަކަށް ވަގުތުން ޖަވާބު ދެވޭނެ ކަމަށާއި، މިއީ ބައިޑޫގެ ޚާއްޞަ އަމިއްލަ އުފެއްދުމެއްގެ ފީޗާއެއް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން މި އައިނު ބޭނުންކޮށްގެން ކެލަރީ ދެނެގަތުމާއި، ތަކެތި ދެނެގަތުމާއި، އޯޑިއޯ-ވިޝުއަލް ތަރުޖަމާކުރުމާއި، އަދި ބުއްދިވެރި ހަނދާންކޮށްދިނުންތައް ލިބޭނެ ކަމަށްވެސް ބައިޑޫ އިން ބުނެފައިވެއެވެ.