ސްރީލަންކާގެ އައު ސަރުކާރުން، 2021 ވަނަ އަހަރު ހިނގި އެކްސްޕްރެސް ޕާރލް ކާގޯ ބޯޓުގެ ހާދިސާ އަލުން ތަޙުޤީޤުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ހާދިސާ ބެލެހެއްޓުމުގައި ކޮރަޕްޝަނާއި އިހުމާލުވުމުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީއެވެ.

ސްރީލަންކާގެ އައު ރައީސް އަނުރާ ކުމާރާ ދިސަނާޔަކޭގެ ސަރުކާރުގެ އިސް ވަޒީރެއް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ތަޙުޤީޤު ފަށާނީ ނޮވެމްބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބު ނިމުމުންނެވެ. މި އިންތިޚާބުގައި ދިސަނާޔަކޭގެ ޕާޓީ ކާމިޔާބުކުރާނެ ކަމަށް ބެލެވެއެވެ.

Ad
rt

2021 ވަނަ އަހަރުގެ މެއި މަހު، ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެކްސްޕްރެސް ޕާރލް ކާގޯ ބޯޓު ސްރީލަންކާގެ ނެގޮމްބޯ ސަރަޙައްދުގައި އަލިފާން ރޯވެ، ބޯޓުން ނައިޓްރިކް އެސިޑާއި މައިކްރޯޕްލާސްޓިކް ފަދަ ނުރައްކާތެރި މާއްދާތައް ކަނޑަށް އެޅުނެވެ. މި ހާދިސާގެ ސަބަބުން ގިނަ އަދަދެއްގެ މަސްތަކާއި ކަހަނބުތަކާއި އެހެނިހެން ކަނޑުގެ ދިރުންތައް މަރުވެ، 20،000 އަށްވުރެ ގިނަ މަސްވެރި ޢާއިލާތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރިއެވެ.

މި ހާދިސާ ހިނގިތާ ތިން އަހަރު ވީއިރުވެސް، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމާއި ޒިންމާދާރު ފަރާތްތައް ހޯދުމުގެ މަސައްކަތް ލަސްވަމުންދާކަމުގެ ޝަކުވާތައް އުފެދިފައިވެއެވެ. އައު ސަރުކާރުން މި ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައެވެ.