އަތޮޅުކައުންސިލްގެ ރައީސުނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންޖެހޭކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އެ އިސްލާހަށް ތާއީދުކުރަށްވާ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ހުރިހާ ކޮމިޝަންތަކަށް ވެސް އެބަދަލު ގެންނަން ތާއީދުކުރަށްވާކަމަށެވެ.

Ad
rt

ރައީސް ކިޔުމުން ކޮމިޝަންތަކުގެ ރައީސުންނަށް ހީވަނީ އެއީ ޤައުމުގެ ރައީސްކަމަށް ކަމަށާއި، ކޮމިޝަންތައް ހިންގަނީ ދައުލަތުން، ސަރުކާރުން ނޫނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.

ކޮމިޝަންތަކުގައި މިހާރު ވެސް ތިއްބަވަނީ ވެސް ރައީސް ފޮނުއްވާ ނަންފުޅުތަކަކުން މަޖިލީހުން ހޮވާބަޔަކުކަމަށާއި، އެހެންކަމުން ޤާނޫނަށް އެ ބަދަލުގެނައުމަކީ ރަނގަޅުކަމެއް ކަމަށް އައިބީ ވަނީ ފާހަގަކުރަށްވާފައެވެ.

''ފެންނަނީ ވަކިވަކިން ކަންތައްތައް ކުރީމަ ޤައުމަށް ދިމާވެފައި ހުރި ބައިވަރު މައްސަލަތައް، އެއް މައްސަލައެއް ނޫން، އަޅުގަނޑަށް ފެންނަ ގޮތުގައި ހަމައެކަނި ކޮމިޝަނތަކުގެ ބޭފުޅުންނެއްނޫން، އަޅުގަނޑު މިވާހަކަ ދައްކާތީ ރުޅިއަންނާނެ ބައެއް ބޭފުޅުން، ޙަޤީޤަތަކީ މި ރާއްޖޭގަ މިތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުންވެސް ވީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރަން، މި ބޭފުޅުންނަށް އަތޮޅު ހިންގޭތޯ؟ އޭރު ރައީސުލްޖުމްހޫރިއްޔާ އަތޮޅުވެރިން، ކަތީބުން ޢައްޔަނުކުރި ޒަމާނުގައި މާރަނގަޅަށް ނޫންތޯ އަތޮޅުތަކުގައި ކަންތައްތައް ހިނގަމުން ދިޔައީ'' އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، ކުރިން އޮތް އެ ނިޒާމްގައި އަތޮޅުވެރިންކަން ކުރަމުން އައީ އެއިރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދީގެން، ޤައުމަށް ލިބޭ އެއްޗަކާއި ނުލިބޭ އެއްޗަކާއި ބަލައިގެންކަމަށެވެ.

''މިހާރު ކަންތައް ކުރަމުންދަނީ އެމީހަކު ހިތުހުރިހާ ގޮތަކަށް، ރައްޔިތުން ބުނާގޮތެއް ވެސް ދައުލަތުން އަންގާ ގޮތެއް ވެސް ނުހަދާ، ސަރުކާރުން އަންގާ ގޮތެއް ވެސް ނަހަދާ'' އައިބީ ވިދާޅުވިއެވެ.