ސޫދާނުގެ ރައްޔިތުން ރައްކާތެރިކުރުމަށް އދ. ގެ ބާރެއް ފޮނުވުމަށް ވަރަށް ބޮޑަށް ބޭނުންކަމަށާއި، އެކަމަކު އަދި ރައްކާތެރި ކަމުގެ ގޮތުން އެކަށީގެންވާ ހާލަތެއް ނެތްކަމަށް އދ.ގެ ވެރިޔާ ގުޓެރެސް ވިދާޅުވެއްޖެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ހަނގުރާމައިގެ ތެރޭގައި ޖެހިފައިވާ ސޫދާނުގެ އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިވުމަށް ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އދ. ގެ ބާރެއް އެ ޤައުމަށް ފޮނުވުމަށް މިވަގުތު އެކަށީގެންވާ ޙާލަތެއް ނެތްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Ad
rt

"ސޫދާނުގެ ރައްޔިތުން ދަނީ އަނިޔާވެރިކަމުގެ ނުރައްކާތެރި ހާލަތެއްގައި ދިރިއުޅެމުންނެވެ. އެތައްހާސް މަދަނީ ރައްޔިތުން ވަނީ މަރުވެފައެވެ. އަދި ގުނާ އަދަދު ނުކުރެވޭހާ ގިނަ ބަޔަކު ވަނީ ބަޔާންކުރަން ދަތި އަނިޔާތަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ރޭޕް އާއި ޖިންސީ އަނިޔާތައް ހިމެނެއެވެ،" ގުޓެރެސް 15 މެންބަރުންގެ ކައުންސިލަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގައި ސޫދާނުގައި ހަނގުރާމަ ފެށުނީ، މަދަނީ ވެރިކަމަކަށް ބަދަލުވުމުގެ ކުރިން ސޫދާނުގެ ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އާ ދެމެދު އުފެދުނު ދެކޮޅުވެރި ވާދަވެރިކަމުގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ސަބަބުަބަބުން ދުނިޔޭގައި އެންމެ ގިނަ މީހުން ގޭދޮރުު ދޫކޮށް ދާންޖެހުނު ހާދިސާ ހިނގައިފައިވެއެވެ.

"ސޫދާނަކީ އަނެއްކާވެސް އަވަސް ސްޕީޑެއްގައި ނަސްލީ އަނިޔާވެރިކަމުގެ ނުރައްކާތެރި ހާލަތަކަށް ވެއްޓެމުންދާ ޤައުމަކަށް ވަމުން އަންނަ ގައުމެއް،" ގުޓެރެސް ވިދާޅުވިއެވެ. މިގޮތަށް ވިދާޅުވެފައިވަނީ 20 އަހަރު ކުރިން ސޫދާނުގެ ޑާފަރ ސަރަޙައްދުގައި ހިނގި ހަނގުރާމައިގެ ސަބަބުން ކުރީގެ ސޫދާނުގެ ވެރިންނާ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާ އުފުލި ހާދިސާއަށް އިޝާރާތްކުރައްވަމުންނެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ނަސްލީ ގޮތުން އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ރާޅުތަކެއް އުފެދިފައިވެއެވެ. މި އަނިޔާވެރި ޢަމަލުތަކުގެ ބޮޑު ބައެއް ތުހުމަތު ކުރެވެނީ އާރްއެސްއެފްއަށެވެ. ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް ހާދިސާގައި، އާރްއެސްއެފްއިން ހުކުރު ދުވަހު އަލް ޖަޒީރާ ސްޓޭޓުގެ އެއް ރަށުގައި މަދުވެގެން 124 މީހުން މަރާލިކަމަށް އެކްޓިވިސްޓުން މައުލޫމާތު ދެއެވެ.