މި މަހުގެ ދެވަނަ ދުވަހު ފެނުނީ "ނައިވާދޫ" ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެކެވެ. އެ ރަށުގައި "ވިލެޖް ވީވަރ" އާލާކުރުމުގެ މަސައްކަތް ޒުވާނުން އިސްނަގައިގެން ކުރަމުން އަންނަ ވާހަކައެވެ. ބައެއް ދޫނިތައް ރަށުތެރެއަށް ދޫކޮށްލި ވާހަކައާއި އެތަކެއްޗަށް ގޯނާނުކުރުމަށް ދީފައިވާ އިރުޝާދެވެ.
ޖަހާލި ނޯޓިސްއަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އެ ޕޭޖުގައި ހިއްސާކުރި ވީޑިއޯ ޝައުގުވެރިއެވެ. ދޫނިތައް މިނިވަންކަންމަތީ ގަސްތަކުގައި އުދުހި އުޅޭ މަންޒަރެވެ. މިނިވަންކަމާއިއެކު އެއްގޮފިން އަނެއް ގޮތްޕަށް އުދުހި ހަދާތަނެވެ. ގަސްދަށަށް ފައިބައިގެން ބައި ހަދާފައި ކައި ހަދާ މަންޒަރެވެ. މުޅި ސަރަހައްދުން އިވެނީ ތަފާތު ރާގުރާގަށް ދޫނީގެ ގޮވަމުންދާ އަޑެވެ.
އެ ރަށުގައި މި ދޫނި އާލާކުރީ ކިހިނެތްތޯ އޮޅުންފިލުވާލަން ޝައުގުވެރިވިއެވެ. ސަބަބަކީ އެކަން ކުރަން ބޭނުންވާ މީހުންނަށް، ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށް ދިނުމެވެ. އުންމީދެއް ހޯދައިދިނުމެވެ.
ނައިވާދޫގައި އާލާކުރަމުން އަންނަ ވިލެޖް ވީވަރ ދޫންޏެއް، ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް
ދޫނި އާލާކުރާނެ ގޮތް
ނައިވާދޫގެ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ ބޭނުމުގައި، އެ ރަށުގައި ވިލެޖް ވީވަރ އާލާކުރުމުގެ މަސައްކަތް ފެށީ ޒުވާނުންނެވެ. ޒުވާނުންގެ ތެރެއުން މިކަމުގައި އިސްކޮށް އުޅުނު މުހައްމަދު އަސްފާހް ވަނީ މި ދޫނި އާލާކުރާގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ.
އަސްފާހް ބުނީ މި ދޫނި އެ ރަށުގައި އާލާކުރުމުގެ ބޭނުމުގައި ފުރަތަމަ ގެނައީ 7 ޕެއާ ކަމަށެވެ. ދޫނިތައް ބެހެއްޓީ ރަށުގެ ކުޑަކުދިންގެ ޕާކުތެރޭ އެކަމަށް ހާއްސަ ކުރެވިގެން ހަދާފައިވާ ކޮށީގައެވެ. ޕާކުގައި ކޮށި ހެދުމުގެ ބޭނުމަކީ ފުރަތަމަ މި ދޫނި އާލާކުރަން ޒުވާނުން ބޭނުންވީ ކުޑަކުދިން ޕާކް ސަރަހައްދަށް ކަމަށް ވުމުން އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
ނައިވާދޫގައި އާލާކުރަމުން އަންނަ ވިލެޖް ވީވަރ ދޫނި ހާލި ހަދާފައި، ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް
ދޫނިތަށް ރަށަށް ގެނެސް މަހެއްހާ ދުވަހު ބޭތިއްބީ ކޮށީގައެވެ. ކާންދެނީ ކުދިބަތާއި ފިންޗް މިކްސްއެވެ. މަސްދުވަހު ކޮށީގައި ބޭތިއްބުމަށް ފަހު ފިރިހެން ދެ ދޫނި ފިޔަވާ ހުރިހާ ދޫންޏެއް ދޫކޮށްލީއެވެ. ފިރިހެން ދެ ދޫނި ކޮށީގައި ބޭތިއްބުމުގެ ބޭނުމަކީ ދޫކޮށްލި ދޫނިތަކަށް ކޮށި ހުންނަ ސަރަހައްދު ހޯދަން މަގުފަހިކޮށްދިނުމެވެ. ފިރިހެން ދޫންޏަކީ އޭގެ ޒާތުގައި އަންހެން ދޫންޏަށްވުރެ ބާރަށް ގޮވާ ދޫންޏަކަށް ވުމުން އެ ދޫނި ގޮވާއަޑު ދުރު ހިސާބަށް އިވެއެވެ.
އެއަށްފަހު ކޮށި ހުންނަ ސަރަހައްދުގެ ބޭރުގައި ކާން އަޅާފައި ބެހެއްޓުމުން އެހެން ދޫނިތައް ކާން ކޮށި ކައިރިއަށް ޖަމާވެއެވެ. އަދި އެ ސަރަހައްދުގެ ގަސްތަކުގައި ދޫނިތައް "ސެޓްލް" ވުމުން ކޮށީގައި ބޭތިއްބި ފިރިހެން ދެ ދޫނިވެސް ދިހަވަރަކަށް ދުވަސް ކޮށްފައި ދޫކޮށްލީއެވެ.
އަސްފާހް ބުނީ ފުރަތަމަ ދުވަސްކޮޅު ކޮށީގެ ކައިރިއަށް ކާން އެޅިނަމަވެސް ދޫނިތައް ސަރަހައްދަށް ރަނގަޅަށް ހޭނުމުން، ގަސްތަކުން އަމިއްލައަށް ކާނާ ހޯދައިގެން އުޅެން ފަށާނެ ކަމަށާއި، އޭރުން ކާން އަޅަން ނުޖެހޭނެ ކަމަށެވެ.
ދޫނިތަކުގެ އުސޫލް ހުންނަ ގޮތުން ރަށުގެ މުޅި ހިސާބުގައި ނޫޅެއެވެ. އުޅެނީ އެ ސެޓްލްވާ ސަރަހައްދެއްގެ ގަސްތަކުގައެވެ. މި ދޫނި އެންމެ ބޮޑަށް މީހުންގެ މެދުގައި މަޝްހޫރުވެފައިވަނީ، އެސޮރުގެ ހާލި ވިޔުމުގެ އާދަޔާ ހިލާފް ހުނަރުގެ ސަބަބުންނެވެ. އަސްފާހް ބުނީ ދޫނިތައް ދޫކޮށްލިތާ ދުވަސްކޮޅެއް ނުވަނީސް ގަސްތަކުގައި ހާލިހަދަން ފަށާފައިވާ ކަމަށާއި މިގޮތުން މިހާރު ތިން ހާލި ހަދާފައިވާކަމަށް އޭނާ ބުންޏެވެ.
ނައިވާދޫގައި އާލާކުރަމުން އަންނަ ވިލެޖް ވީވަރ ދޫންޏެއް، ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް
ވަރަށް ގިނަ މީހުން ކުރާ ސުވާލެއް، ކާޅުގެ އުންދަގުލެއް ނުވޭތަ؟
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހެން ވަރަށް ގިނައިން ކާޅުއުޅެއެވެ. ކާޅުގެ ޒާތަކީ، ކާޅުއުޅޭ މާހައުލެއްގައި އެހެން ދޫންޏެއް އުޅެން ކާޅު ބޭނުން ނުވާނެއެވެ. ވުމާއިއެކު އަލަށް މާހައުލުން ފެންނަ ކޮންމެ ދޫންޏެއްގެ ފަހަތުން ދުވުމަކީ ކާޅުގެ އާދައެވެ. އަތުލައިގެން މަރާލައިގެން ކާލެވޭވަރުވާނަމަ އެކަން ނުކޮށް ކާޅު ދުލެއް ނުކުރާނެއެވެ.
އަސްފާހް ބުނީ ވީވަރ ތައް ދޫކޮށްލި ދުވަހު ކާޅު، އެ ދޫނިތައް ވަރަށް ފެހި ކަމަށާއި ނަމަވެސް ކާޅަށް ދޫނި އަތުނުވާ ކަމަށެވެ. ކާޅަށް އެ ދޫނި އަތުނުވާނެކަން ޔަގީން ވުމުން މިހާރު ކާޅުގެ އުނދަގޫ ނުޖެހޭކަމަށް އޭނާ ބުންޏެވެ.
ނައިވާދޫގައި އާލާކުރަމުން އަންނަ ވިލެޖް ވީވަރ ދޫންޏެއް، ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް
މި ދޫންޏަކީ ރާއްޖޭގައި ދޫނި ވިއްކާ ފިހާރަތަކުން ގަންނަން ލިބޭ ދޫންޏެކެވެ. މާ އަގުބޮޑު ދޫންޏެއް ނޫނެވެ. ޕެއާއެއްގެ އަގު އުޅެނީ 1000 ރުފިޔާއާއި 1500 އާއި ދެމެދުގައެވެ.
އަސްފާހް ބުނީ މި ވީވަރ އާލާކުރުމުގެ މަސައްކަތް ފެށީ އެކަން ކުރަމުން އަންނަ ފަރާތްތަކާއި ގުޅައި މައުލޫމާތު ހޯދައިގެން ކަމަށާއި އެ މަސައްކަތް މިހާތަނަށް ވަރަށް ކާމިޔާބު ކަމަށެވެ. ޒުވާނުންގެ އިސްނެގުމުގެ މަތީން އިތުރު ވީވަރ ރަށަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މި ދޫނިތަކަށް އެއްވެސް ގޯނާއެއް ނުކުރުމަކީ އެ ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!