ކ. މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސްކަތް ނިމިފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީން ބުނީ އެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 374 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިއީ ސަރުކާރުން 76.48 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.