ހދ. ކުޅުދުއްފުށީގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2024" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް ޒިގްޒެގްގެ ފަރާތުން އެދެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 18:00 ނިޔަލަށް ހުޅުވާލާފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރިކަން އުފެއްދުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދީ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމަށް ފުރުސަތު ހުޅުވާލަދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުސަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!