އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިއްޔެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އިއްޔެ ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުކޮށްލެއްވުމަށްފަހު އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް އެމްޑީ ވިދާޅުވެފައިވެއެވެ.
ސްޓެލްކޯއިން އެތަން މަރާމާތު ކުރާނީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުންނެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ފެންގަނޑު ހަދައި ދޭނެ ބަޔަކު ހޯދަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިދިޔަ ހަފުތާގައި އިއުލާނު ވެސް ކުރިއެވެ. ނަމަވެސް އެ އެއިއުލާނު މިހާރު ވަނީ ބާތިލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!