ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅު ނިންމާލެވުމަށްފަހު ރައީސް އެމެރިކާގެ ނިއުޔޯކުން ފުރައިވަޑައިގަތީ އިއްޔެއެވެ.
ރައީސް މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުޙަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ އިސްވެރިންނެވެ.
ރައީސް މުޢިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައިގައި އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ވަނީ ތަޤުރީރުކުރަށްވާފައެވެ. އަދި ޔޫއެންޖީއޭ 79ގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައްދަލުވުންތަކެއްގެ ރިޔާސަތު ކޯ ޗެއާގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ބަލަހައްޓަވާފައެވެ.
މީގެ އިތުރުން އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްގެ އިތުރުން އެކި ޤައުމުތަކުގެ އިސްވެރިންނާއި، ހެޑް އޮފް ޑެލިގޭޝަން އާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެމެރިކާގެ ނިއު ޖާރސީގެ ޕްރިންސްޓަންގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީއާއި ގޫގްލް އޮފީހަށް ޒިޔާރަތްކުރެއްވިއެވެ.
މިއީ ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ އދ.ގެ މެންބަރަކަށްވީތާ 59 އަހަރު ފުރުނު މުނާސަބަތާ ވެސް މިފަހަރު ވަނީ ދިމާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!