ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމް ނިންމާލައި ބައިވެރިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ގެ ނަމުގައި ހިންގި މި ޕްރޮގްރާމަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ވަރަށް ކާމިޔާބު ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 12 މީހަކު މި ޕްރޮގްރާމް ފުރިހަމަކޮށް ހަނދާނީ ލިޔުން ހާސިލް ކުރިކަމަށް އެ ވުޒާރާއިން ބުންޏެވެ.
26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ، ހަފްތާއަކު 4 ދުވަހުގައި، ދުވާލަކު 2 ގަޑިއިރާއި 45 މިނިޓަށް ސެޝަންތައް ފަރުމާކޮށްގެންނެވެ.
މި ޕްރޮގްރާމްގައި އިންޑިޕެންޑެންޓް ލައިފް ސްކިލްސް، ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ، އިންފޯރމަލް އެޑިއުކޭޝަން، ލައިފް ސްކިލްސް، ޖޮބް-ރެޑިނަސް ސްކިލްސް ހިމެނޭހެން މައިގަނޑު 5 ދާއިރާއަކުން ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ސީވީ ތައްޔާރުކުރާނެ ގޮތާއި ފޯނާއި އީމެއިލްއިން މުޢާމަލާތު ކުރާނެގޮތާއި އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތުގެ އިތުރުން މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެ ގޮތާއި އަދި ޢާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދީފަވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، 26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ހިންގުނު 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ކާމިޔާބުކަމާއިއެކު ފުރިހަމަކުރި ފަރާތްތަކަށް… pic.twitter.com/sYlpp1hBcm
— Ministry of Social and Family Development (@MSFDmv) September 17, 2024
''މި ތަމްރީން ނިންމި ފަރާތްތަކަށް، ކެއަރ ސޮސައިޓީއިން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައި، ވަޒީފާގެ ފުރުޞަތު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ'' އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު، މި ހިންގުނު ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަކީ އެވުޒާރާގެ އަމާޒުކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކެއާ ސޮސައިޓީއިން ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެ ޖަމިއްޔާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!