އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗު، ހަނި ތަފާތަކުން އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓްހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޓޮޓެންހަމް އިން ވަނީ ލީގުގެ ފުރަތަމަ ކޮޅު ވަރަށް މޮޅަށް ކުޅެފައެވެ. ނަމަވެސް މި ސީޒަންގައި ހަތަރު މެޗު ކުޅުނުއިރު ލިބިފައި ވަނީ އެންމެ ހަތަރު ޕޮއިންޓެވެ. އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. މިއީ ފާއިތުވި އަށް ސީޒަނަށް ބަލާއިރު ވެސް އެ ޓީމްގެ އެންމެ ދަށް ފެށުމެވެ.
މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ، 64 ވަނަ މިނިޓްގައި ޖެހީ ގަބްރިއެލް މަގާޅައެސް އެވެ. މަގާޅައެސް މި ލަނޑު ޖެހީ ބުކާޔޯ ސަކާ ނެގި ކޯނަރަކުންނެވެ. މި މެޗުގައި އާސެނަލްގެ އެންމެ އިތުބާރު އެއް އެޓޭކަރ، ސަކާ އަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.
މި މޮޅާއިއެކު އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ހޯދި 12 ޕޮއިންޓާއި އެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!