މޮޓޮރޯލާ އަދި ވިވޯ ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޯނުގެ ސްކްރީނުގައި ގްރީން ލައިނެއް ފެންނަ މައްސަލަ ދިމާވާން ފަށައިފިއެވެ.

މި މައްސަލަ ދިމާވެފައިވަނީ ވޮރަންޓީ މުއްދަތު ހަމަވެފައިވާ ފޯނުތަކަށް ކަމަށް ބެލެވެއެވެ.

Ad
rt

މި މައްސަލަ ދިމާވެފައިވާ މޮޑެލްތަކުގެ ތެރޭގައި މޮޓޮ ޖީ82، ޖީ52، ވިވޯ އެކްސް80 ސީރީޒް، އަދި ވިވޯ އެކްސް70 ޕްރޯ+ ހިމެނެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން މި ދެ ބްރޭންޑުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މީގެ ކުރިން މި މައްސަލަ ދިމާވެފައިވަނީ ވަންޕްލަސް އަދި ސެމްސަންގް ފޯނުތަކަށެވެ. ވަންޕްލަސްއިން ވަނީ މި މައްސަލަ ދިމާވި ފަރާތްތަކަށް ހިލޭ ސްކްރީން ބަދަލުކޮށްދީ، ލައިފްޓައިމް ޑިސްޕްލޭ ވޮރަންޓީ ދީފައެވެ. އަދި ސެމްސަންގްއިން ވެސް ގެލެކްސީ އެސް21 އަދި އެސް22 ބޭނުންކުރާ ފަރާތްތަކަށް ހިލޭ ސްކްރީން ބަދަލުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، މޮޓޮރޯލާ އަދި ވިވޯ ފޯނު ބޭނުންކުރާ ފަރާތްތަކަށް މިފަދަ ހިލޭ ސްކްރީން ބަދަލުކޮށްދިނުމުގެ ޚިދުމަތެއް ލިބޭނެ ކަން ނުވަތަ ނޫންކަން އަދި މިހާތަނަށް އެނގިފައެއް ނެތެވެ. މި މައްސަލަ ދިމާވެފައިވާ ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ޝަކުވާ ކޮށްފައެވެ.

މި މައްސަލަ އިތުރަށް ފުޅާވަމުންދާ ކަމަށް ބެލެވޭއިރު، އެހެން ބްރޭންޑްތަކުގެ ފޯނުތަކަށް ވެސް މި މައްސަލަ ދިމާވެދާނެކަމުގެ ބިރު އެބައޮތެވެ. ވީމާ، ފޯނު ބޭނުންކުރާ ފަރާތްތަކުން މިކަމާމެދު ސަމާލުވުމަކީ މުހިންމު ކަމެކެވެ.