ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ ނިންމުތަކެއް ނިންމައި އެކަން ޢިއުލާންކުރީ އެކަން އެގޮތަށް ނުކުރަން ރައީސް އަންގަވާފައި ވަނިކޮށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ އެ ނިންމުމަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފަކުރަށްވާފައެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން ވެސް އެއީ މާލީ ބަޣާވާތެއްކަމަށް އަންނަނީ ބުނަމުންނެވެ.
މި ނިންމުމާއި ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނީ އެ މައްސަލައިގެ ތަހްގީގެއްވެސް ހިންގަމުންނެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ސައީދު ވިދާޅުވީ، ބީއެމްއެލްއިން އެގޮތަށް ކަންތައްކުރީ އެފަދަ ނިންމުމެއް ނުނިންމަން ރައީސް އަންގަވާފައިވަނިކޮށް ކަމަށެވެ.
''މިއީ ރައީސްގެ ވަރަށް ސްޓްރޯންގް، އަދި ކެބިނެޓް އެންމެން ވެސް ގަބޫލުކުރާ ގޮތް. އަޅުގަނޑުމެންގެ އިސްކުރަން ޖެހޭނީ ރައްޔިތުންކަމާއި ކިޔަވާ ކުދިންގެ މަސްލަހަތު ކަމަށް ރައީސް އެ އޮތީ ވިދާޅުވެފައި އެކަން އެގޮތަށް ނުކުރަން،" ސައީދު ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކާގައި ވަނީ އެއީ މާލީ ބަޣާވާތެއްކަމަށް ސަރުކާރުން ދެކެމުން އަންނަނީ ބީއެމްއެލްގެ އެ ނިންމުމާއި ގުޅިގެން ދެން ހިނގާދިޔަކަންތައް ގުޅުވާލުމުން ފެންނަ ނަތީޖާގެ އަލީގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!