ޖައްވުގައި ތާށިވި އެމެރިކާގެ ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފިއެވެ.
ނާސާއިން ވަނީ 80 ދުވަސް ވަންދެން ސްޕޭސްގައި ހާލުގައި ޖެހިފައިވާ ސުނީޓާ "ސޫނީ" ވިލިއަމްސް އަދި ބެރީ "ބުޗް" ވިލްމޯރް އަނބުރާ ގެނައުމަށް ނިންމައިފައެވެ.
ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނާސާއިން މަޝްވަރާކުރުމަށް މި މައްސަލައާއި ގުޅޭގޮތުން އޯގަސްޓް 24 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވެއެވެ. ލިބެންހުރި އުޅަނދުތަކުގެ ރައްކާތެރިކަން ވަޒަންކުރުމަށްފަހު، ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން ކެޕްސިއުލް ބޭނުންކޮށްގެން ވިލިއަމްސް އަދި ވިލްމޯރް އަނބުރާ ގެނެވޭނެކަމަށް ނާސާއިން ނިންމިއެވެ.
58 އަހަރުގެ ވިލިއަމްސް އަދި 61 އަހަރުގެ ވިލްމޯރް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް ބޭނުންކުރި ސްޓާލައިނާ އުޅަނދު، ޖޫން 5 ވަނަ ދުވަހު ފްލޮރިޑާގެ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުން ދަތުރު ފެށުމަށްފަހު ހީލިއަމް ލީކުވުމާއި ތްރަސްޓަރުތަކަށް މައްސަލަ ދިމާވެފައިވެއެވެ.
ފުރަތަމަ މި މެކޭނިކަލް މައްސަލަތަކަކީ ކުދި މައްސަލަތަކެއްކަމަށްވުމުން، އެސްޓްރޯނޯޓުން އަނބުރާ އައުމަށް އޭގެ އަސަރެއް ނުކުރާނެކަމަށް ބޯއިންގއިން ބުނެފައިވެއެވެ.
ނަމަވެސް، އެ އުޅަނދު އަނބުރާ ދަތުރުކުރުމަށް ރައްކާތެރި ނޫންކަމަށް ނާސާއިން ފަހުން ހާމަކުރިއެވެ. އަދި އެސްޓްރޯނޯޓުން އަނބުރާ އައުމުގެ މުއްދަތު 2025 އަށް ލަސްވެދާނެކަމަށް ބުނެ، އެހެން ގޮތްތަކެއް ހޯދަން ވެސް މަސައްކަތް ފެށިއެވެ.
ފުރަތަމަ ރޭވި ޕްލޭނުގައި އެސްޓްރޯނޯޓުން އަނބުރާ ގެނެވޭނީ އެންމެ އަވަހަށް ވެސް 2025 ގެ ފެބްރުއަރީ މަހުގައި ކަމަށް ނިންމިއެވެ. ނަމަވެސް، ނާސާގެ ބައިވެރިންގެ އިއްތިފާގުން ނިންމި ގޮތުގެ މަތިން އެސްޓްރޯނޯޓުން މިހާރު އަނބުރާ އަންނާނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!