ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ގުޅިގެން ކަރަންޓުގެ ހިދުމަތްތައް ފުޅާކުރަން ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.
މި އިޢުލާނުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ފުރަތަމަ ދާއިރާއަކީ ބިމުގައާއި ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެންނާއި، މޫދާއި ކަނޑުމަތީގައި ޤާއިމުކުރާ ނިޒާމުތަކުން ކަރަންޓު އުފައްދައި ސްޓެލްކޯއަށް ވިއްކުމެވެ. މި މަސައްކަތް ކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ހަކަތަ ވިއްކުމާ ބެހޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ދެވަނަ ދާއިރާއަކީ އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ހަރުދަނާކުރުމަށްޓަކައި ބެޓެރި އެނަރޖީ ސްޓޯރޭޖް ސިސްޓަމާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށްދިނުމެވެ.
ތިންވަނަ ދާއިރާއަކީ ރަށްރަށުގައި އިންޖީނުގެ އެޅުމާއި ކަރަންޓު ވިއުގަ ޤާއިމުކުރުމެވެ.
ހަތަރުވަނަ ދާއިރާއަކީ ސަބްސްޓޭޝަންތައް އިމާރާތްކުރުމާއި ސަބްސްޓޭޝަނަށް ބިމުގައި ވަޅުލާ ކޭބަލް އެޅުމެވެ.
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް 2023 ޑިސެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ދެވިފައިވެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން، ޝައުޤުވެރިކަން ފާޅުކުރުމާއި އިވެލުއޭޓްކުރުމުގެ މަރުޙަލާއެއް ކުރިއަށްދާނެ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަގާމެދު މަޝްވަރާކުރެވޭނެ ކަމަށްވެސް ސްޓެލްކޯގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!