ރާއްޖޭގެ ތާރީޚުގައި ވެސް ތެލެސީމިޔާއަށް އެންމެ އިސްކަމެއްދީފައި ވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ތެލެސީމިޔާގެ ހިތްދަތިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން ދީފާވާކަން ފަސްޓްލޭޑީ ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވިދާޅުވިގޮތުގައި، ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ޙާލަތެއްގައެވެ. އަދި މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ ވިދާޅުވީ، މި ސަރުކާރުކާރުން މި ބޮޑު ޤައުމީ މައްސަލައަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން އެކަމަނާ ފާހަަގަކުރެއްވިއެވެ.
މެޑަމްގެ ވާހަކަފުޅުގައ ޑީ.އެން.އޭ ފަދަ މުހިއްމު ޓެސްޓްތައް ހެދޭނެ މަގު މިސަރުކާރުން މަގުފަހިކޮށްދީފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސައިދީފައިވާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!