މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ދަރުމަވެރިންގެ ގޮތުގައި (ވޮލެންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުސަތު ހުވާލައިފައިވާ ކަމަށެވެ.
އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާހަގަކޮށް ލިޔުމަކުންނެވެ. މި ލިޔުމާއެކު އެކަމަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. އަދި ހުށަހަޅާފަރާތަށް 18 އަހަރު ފުރިފައި ނުވާނަމަ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއިމެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހެއެވެ.
މިކަމަށް ކުރިމަތިލުމަށް އެދޭ ލިޔުން މެއިލް ކުރަން ޖެހެނީ އެ ވުޒާރާގެ recruitment@mohe.gov.mv މެއިލް އަށެވެ.
އެ ވުޒާރާއިން ބުނީ އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވަލުމުގެ މަޤްސަދަކީ ކިޔަވާ ނިމިގެން ވަޒިފާގެ މާހައުލަށް އަންނަން ބެނުންވާ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮސްދިނުމާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.
މި ފުރުސަތުގެ ދަށުން އެ ވުޒާރާގައި މަސައްކަތްކޮށް މުއްދަތު ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާގެ ސެޓްފިކެޓެއް ދޭގޮތަށް ނިންމާފައިވާއިރު، މި ފުރުސަތުގައި މަސައްކަތް ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެއެވެ. އަދި އެއަށްވުރެން ގިނަ ދުވަހު މަސައްކައްތް ކުރަން ބެނުންވާނަމަ އެ ފުރުސަތުވެސް ދޭނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިކަމާއިގުޅޭ މަޢުލުމާތު އިތުރަށް ސާފުކުރަން ބޭނުންނަމަ 3026914 ،3026951 އަށް ގުޅައި ނުވަތަ recruitment@mohe.gov.mv އީ-މެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ފުރުސަތުގެ ސުންގަނޑިއަކީ 07 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:30 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!