މިޔަންމާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުން، އެ ޤައުމުގެ އަސްކަރިއްޔާގެ ސަރަޙައްދީ މައި މަރުކަޒު ހިފައިފިއެވެ. މި ތަން ހިފާފައިވަނީ މިޔަންމާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާމީ (އެމްއެންޑީއޭއޭ)ގެ ހަތިޔާރު އެޅި ސިފައިންނެވެ.
އެމްއެންޑީއޭއޭގެ ސިފައިން ހިފާފައިވަނީ މިޔަންމާގެ އުތުރުގައި އޮންނަ ޝާ ސްޓޭޓްގެ ލާޝިޔޯގައި ހުންނަ އަސްކަރީ މަރުކަޒެވެ. މި މަރުކަޒަކީ ޗައިނާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ މަރުކަޒެކެވެ. މިއީ މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.
އެމްއެންޑީއޭއޭގެ ސިފައިން، އަސްކަރިއްޔާގެ އެ މަރުކަޒު ހިފާފައިވަނީ 23 ދުވަހަށް ދެމިގެން ދިޔަ ވަރުގަދަ ހަނގުރާމައަކަށް ފަހުއެވެ. މި ކަމާ ގުޅޭ ގޮތުން އެމްއެންޑީއޭއޭން ބުނެފައިވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރުގެ އަތްދަށުން ލާޝިޔޯއާއި އެ ރަށުގެ ރައްޔިތުން މިނިވަން ކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއޭއޭއިން އިތުރަށް ބުނެފައިވަނީ، އެ ރަށުގައި އެ ޖަމާޢަތުގެ ވެރިކަމެއް ގާއިމު ކުރާނެ ކަމަށާއި، އަމަން އަމާން ކަން ދެމެހެއްޓުމަށް އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ނަމަވެސް، ލާޝިޔޯގައި ހުންނަ އަސްކަރީ މަރުކަޒު އެމްއެންޑީއޭއޭގެ އަތްދަށަށް ވެއްޓިފައިވާ ކަން މިޔަންމާގެ އަސްކަރީ ސަރުކާރުން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!