ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ކުރިން ކުޅުނު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ.
މިދިޔަ ޖޫންމަހު އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ހުރިހާކަމެއް ނިންމި ނަމަވެސް ރެއާލުން އޭނާ ތައާރަފް ކުރުމުގެ އިވެންޓް މިއަދަށް (16 ޖުލައި 2024) ލަސްކުރީ ފްރާންސް ޓީމާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް އެމްބާޕޭ ޖަރުމަނުގައި ހުރުމުންނެވެ. މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ.
އެމްބާޕޭ ތައާރަފް ކުރުމަސް މިއަދު ރެއާލްގެ ދަނޑުގައި ބޭއްވި ރަސްމިއްޔާތަށް 80200 ސަޕޯޓަރުން ވަތްކަމަށް ރެއާލުން ވަނީ ބުނެފައެވެ. މިއީ ކްލަބްގެ ރެކޯޑެކެވެ. ކުރިން އެންމެ ގިނަ ސަޕޯޓަރުން ވަދެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ތައާރަފް ކުރުމަށް އެ ދަނޑުގައި ބޭއްވި ރސްމިއްޔާތަށެވެ. އެ އިވެންޓަށް 79800 ސަޕޯޓަރުން ދަނޑަށް ވަނެވެ.
މި އިވެންޓްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ ރެއާލަށް ކުޅުމުގެ ހުވަފެން އޭނާ ދެކޭތާ އެތައް ރެއެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، މިއަދު ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފަލުން ހުރިކަމަށެވެ.
އޭނާ އިތުރަށް ބުނީ އޭނާ ރެއާލަށް ބަދަލުވުމުން މަންމަ އުފަލުން ރޯތަން ފެނުނު ކަމަށާއި އޭނާ މި ބަދަލާއިމެދު އޭނާ އާއިލާއިން ވެސް އުފާކުރާކަމަށެވެ.
"މިއީ އަހަންނަށް ގަބޫލުކުރަން ދަތި ދުވަހެއް، އަހަރެން ކުޑައިރުއްސުރެ މި ދުވަހުގެ ހުވަފެން ދެކެމުން އައީ އަދި މި ދުވަހަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ދުވަހެއް" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ރެއާލުގައި ކުރިއަށް އޮތް ސީޒަންގައި ބޭނުން ކުރާނީ ކަރިމް ބެންޒެމާ ބޭނުންކުރި 9 ނަމްބަރު ޖޯޒީއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ފުރަތަމަ ރެއާލަށް ބަދަލުވެ ބޭނުން ކުރީ ނުވަނަމްބަރު ޖޯޒީއެވެ. ރޮނާލްޑޯގެ 7 ނަމްބަރު ޖޯޒީ އެ ސީޒަންގައި ނުލިބުނީ އޭރު ރެއާލްގެ ކެޕްޓަން އަދި އެ ޓީމްގެ ލެޖެންޑް ރައުލް އެ ނަމްބަރު ބޭނުން ކުރަމުން އައުމާއި ގުޅިގެންނެވެ. ޖެހިގެން އައި ސީޒަންގައި ރައުލް އެ ކްލަބް ދޫކޮށްލުމުން ރޮނާލްޑޯއަށް 7 ނަމްބަރު ޖީޒީ ލިބިގެންދިޔައެވެ.
އެމްބާޕޭއަށް ވެސް ދިމާވެފައި ވަނީ މިފަދަ ގޮތެކެވެ. އެމްބާޕޭގެ ރަސްމީ ނަމްބަރަކީ 10 އެވެ. ނަމަވެސް ރެއާލްގެ 10 ނަމަބަރު ޖޯޒީގައި މިހާރު ކުޅެމުން އަންނަނީ އެ ޓީމްގެ ލެޖެންޑް ލުކާ މޮޑްރިޗެވެ. ކުރިއަށް އޮތް ސީޒަނަކީ މޮޑްރިޗް ރެއާލަށް ކުޅޭނެ ފަހު ސީޒަނެވެ. ވުމާއިއެކު ސީޒަން ނިމުމުން އެމްބާޕޭއަށް އޭނާގެ ރަސްމީ ނަމްބަރު ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!