ތިލަދުންމަތީ އުތުރުބުރީ ދޮނަކުޅި އަކީ ކުރިން އެ އަތޮޅު ދިއްދޫ މީހުން އުޅެމުން އައި ރަށެވެ. ދޮނަކުޅިން މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ އެވެ.

އެރަށަށް އަރަނީ ދެކުނު އިންޑިޔާގައި އުޅޭ މަލާބާރީންގެ ގުރޫޕަކާ ޕޯރޗްގީޒުންނާ ގުޅިފަ އޮތް ކަންނަންނޫރު އަލީ ރާޖާގެ ގުރޫޕެވެ. ރަށަށް އަރާ މީހުންމަރާ ލޭކޯރު ހައްދާ ކުޑަކުދިންގެ ކަރުގައި އަޅާފައި ހުންނަ ރަނުގެ ގިލަފައްޗާ ކަންފަތުލާމުންޖާ އުޅާފަދަ ގަހަނާ ނަގާ މުޅިރަށުން ފޭރުމަށްފަހު ރަށުންދަނީ އެވެ.

Ad
rt

ފޭރެން އަންނަ މިގުރޫޕު ގުރާބު ތަކުގައި އަންނަން ފެށުމުން ރަށުގެ ބައެއް މީހުން ވަލުތެރޭ ވަޅުކޮނެ ވަޅަށް ފައިބާ ފަތުން މަތިބައްދައިގެން ތިބެއެވެ. ގުރާބު ތަކުގައި މިބައިމީހުން ރަށަށް އަރާ މަރުކަޒުކޮށްގެންވެސް ބައެއް ފަހަރަށް ތިބެއެވެ. މީލާދީން ދޮންބަންޑާރައިން ރަސްކަމުގައި މިރަށަށް އަރާތިބި މަލާބާރީންނާ ހަނގުރާމަކޮށް އެބައިމީހުން ދޮނަކުޅިން ބޭރުކުރި އެވެ.

މަލާބާރީންގެ ދުއްތުރާ އުނދަގޫ ބޮޑުވެ ދޮނަކުޅީމީހުން ފައިބައިގެން ބައެއް ރަށްރަށަށް ބަދަލުވި އެވެ. ބަދަލުވި ބައެއް ރަށްރަށުގެ ތެރޭ ކުޅުދުއްފުށި، ޅ މާފިލާފުށި އުތީމު، ހއ ނަރިދޫ، ހދ ހޮޑައިދޫ ހިމެނެ އެވެ. ނަރިދޫ އަށް އެރުމުގައި ހިކްމަތްތެރިކަމެއްވެސް ވެއެވެ. އެއީ ރާޅުން ހިމާޔަތް ހޯދުމެވެ. ދުޝްމަނުންނަށް އަރަން ފަސޭހަ ރަށަކަށް ނުވާނެތީ އެވެ. ނަރިދޫގައި ގަބުރަސްތާނެއް އޮންނަނީ މިހެންވެ އެވެ. އަހަރުތަކެއްގައި ނަރިދޫގައި ދިރިއުޅުމަށްފަހު ދެން ބަދަލުވީ ދިއްދޫ އަށެވެ.

އޭރު ދިއްދޫ އަކީ ބޮޑުތަކުރުފާނު ރުއްއަޅުއްވައިގެން އުޅުއްވި ރަށެވެ. ދިއްދޫ ޢީދު މިސްކިތް އެހުރީ ތަކުރުފާނު ފަނުން ހައްދަވައިގެން އުޅުއްވި ތަކުރުފާނު މިސްކިތް ހުރި ތަނުގަ އެވެ. ނަރިދޫން ދިއްދުއަށް ބަދަލްވުމަށް ބަލާފަވަނީ ލަފާފުރުމުގަ ފަޅުގެ ފަސޭހަކަމަށާ އަތޮޅުގެ މެދުގަ އޮތުމުން ފުށޮޅު ކަނޑާ މަތިކަނޑަށް ފަހި ރަށަކަށް ބަލާފަ އެވެ.

މައުލޫމާތު:

މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުން

މުޙައްމަދު އަމީނުގެ ލިޔުއްވުން

ދިއްދޫ ކަތީބު އާދަމް ނަޞީރުގެ މައުލޫމާތާއި އެކު

(ނިމުނީ)