ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ޝަމްނާޒްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓަން ކޯޓުން އިތުރު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

Ad
rt

ޝަމްނާޒްގެ އިތުރުން މި މައްސަލާގައި ހިމެނޭ އިތުރު މީހެއްގެ ބަންދަށް ވެސް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނީ ޖޫން 26 ވަނަ ދުވަހުއެވެ.

ޝަމްނާޒް ސްޓޭޓް މިނިސްޓަރުކަމުން ވަކި ކުރީ ޖޫން މަހުގެ 26 ގައެވެ.

ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ކައިވެނި ވަރަށް ފަހުން ރޫޅިފައިވާ އިރު، ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. ޝަމްނާޒް ހައްޔަރުކޮށްފައިވާ މި މައްސަލާގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. އަދި ޝަމްނާޒް އާއެކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ރަމީޒް ނުހިމެނެއެވެ.

މި ސަރުކާރު އައުމުގެ ކުރިން ޝަމްނާޒް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރަކަށެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ޝަމްނާޒް އައްޔަން ކުރެއްވީ މުލިއާގޭގެ މަގާމަކަށެވެ. ފަހުން އޭނާ ބަދަލު ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.