ފުވައްމުލަކު ސިޓީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުވައްމުލަކު ސިޓީގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާކަމަށް މާނަކޮށްފައި ވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ، ޖިސްމާނީ އަނިޔާއެއްކުރުން، ޖިންސީގޮތުން އަނިޔާކުރުން، ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން، މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުން، މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި މާބަނޑުކުރުން ފަދަ ޢަމަލުތަކުގެ ތެރެއިން، ޢަމަލެއް ހިންގުމަށެވެ.
އެ ޤާނޫނުގައި ގެވެށި އަނިޔާކަމަށް މާނަކޮށްފައިވާ އިތުރުކަންކަން
- އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
- މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.
- ބިރުދެއްކުން.
- ގޯނާކުރުން.
- ފާރަލުން.
- މުދަލަށް ގެއްލުންދިނުން.
- އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ޙާލަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
- މިނޫންވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި ޢަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
- މީހެއްގެ އަމިއްލަ އިޚްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިޚްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
- ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
- އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
- ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!