ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި، ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި އޮސްޓްރިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅެފައިވާއިރު، އޮސްޓްރިއާއިން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. މި ގްރޫޕުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އެއްވަރު ވުމުން، މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ އޮސްޓްރިއާއަށެވެ. ހަ ޕޮއިންޓާއިއެކު އޮސްޓްރިއާ އެއްވަނަ ހޯދިއިރު ފަސް ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ފްރާންސް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ހަތަރު ޕޮއިންޓާއިއެކު ނެދަލެންޑްސް ތިންވަނާގައި އޮތްއިރު، އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ތިންވަނައަށްދާ ހަތަރު ޓީމަށް ދެވަނަ ބުރުން ލިބޭ ފުރުސަތުގެ ދަށުން ނެދަލެންޑްސް ވެސް ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. މި ގްރޫޕުން ކެޓީ ޕޮލެންޑެވެ. އެ ޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މިރޭ އޮސްޓްރިއާއިން ވަނީ ނެދަލެންޑްސްއާއި ދެކޮޅަށް އިތުބާރާއިއެކު މޮޅު ކުޅުމެއް ކުޅެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ އޮސްޓްރިއާއިންނެވެ. މި ލަނޑަކީ ހަވަނަ މިނެޓުގައި ނެދަލެންޑްސްގެ މާލެން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިން އޮސްތްރިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ގަކްޕޯ ވަނީ ލަނޑުޖަހައި ނެދަލެންޑްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ދެވަނަ ފަހަރަށް އޮސްޓްރިއާއަށް ލީޑު ނަގައިދިނީ 59 ވަނަ މިނެޓުގައި ރޮމާނޯ ޖަހައިދިން ލަނޑުންނެވެ. ނެދަލެންޑްސްގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ޑިޕާއީ ޖަހައިދިންއިރު، އޮސްޓްރިއާ މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ސަބިޓްޒާއެވެ.
ފްރާންސާއި ޕޮލެންޑް ވާދަކުރި މެޗުގައި ދެ ޓީމުން ވެސް ލަނޑުޖަހާފައި ވަނީ ލިބުނު ޕެނަލްޓީންނެވެ. ފްރާންސްގެ ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކުރިއިރު ޕޮލެންޑްގެ ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!