ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ދަންދާނަ" ގުރޫޕުގެ މެމްބަރަކު ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑް ކުރީ ށ. މާއުނގޫދޫ އަށް ނިސްބަތްވާ އެ ގްރޫޕްގެ އަންހެން މެމްބަރެކެވެ.

Ad
rt

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އާސާރީ މިސްކިތެއްގެ ތެރޭގައި އާއި ގޯތިތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާ ތަނެކެވެ. އެ މިސްކިތަކީ މިހާރު ވެސް އާންމުން ނަމާދު ކުރުމަށް ބޭނުން ކުރާ މިސްކިތެކެވެ. ލިބާހެއް ލައިގެން ހުރި އެ އަންހެން މީހާ ފެން ހުރި ބަނޑިޔާއެއް ހިފައިގެން މިސްކިތުގެ ތެރެއިން ހިނގާފައި ދާ މަންޒަރު ވެސް ފެނެއެވެ.

ދަންދާނަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އަންހެންމީހާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށެވެ. އަދި އެއީ އެ ގުރޫޕާ އެއްވެސް ގުޅުމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ގުރޫޕުން ރޭވިފައިވާ އެއްވެސް ދަތުރެއްގައި އެ ގުރޫޕަށް ނިސްބަތްވާ އެއްވެސް މެމްބަރެއްގެ ފަރާތުން އެފަދަ އަމަލެއް ދެން ނުފެންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.