2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެޓާނީ ޖެނެރަލްގެ އޮފީހުގެ (ބަންޑާރަނައިބު އޮފީހުގެ) ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

Ad
rt

އެއަށްފަހު، ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، އެޖެންޑާގައި ހިމެނޭ ބިލުތަކާ ގުޅޭގޮތުންނާއި، ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެއަށްފަހު ބަންޑާރަނައިބު އޮފީހުގެ ވެބްސައިޓްގައި މި އެޖެންޑާ ވަނީ ޝާއިޢުކޮށްފިއެވެ.

އިއްޔެ ޝާޢިއުކުރި މި ލެޖިސްލެޓިވް އެޖެންޑާގައި މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ 213 ބިލެއް އެކުލެވެއެވެ.

މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޛުކުރުމަށް ތަޢާރަފުކުރަންޖެހޭ ބިލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ވެސް ހިމެނެއެވެ. އަދި އަލަށް އެކުލަވާލަން ޖެހޭ ޤާނޫނުތަކާގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިޞްލާޙުގެންނަންޖެހޭ ޤާނޫނުތަކުގެ ބިލުތައް ހިމެނެއެވެ.

މި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ދުސްތޫރީ އަދި ޤާނޫނީ ކަންކަމާއި، އިސްލާމްދީނާއި ޤައުމިއްޔަތާއި، ޤައުމީ ސަލާމަތާއި ޚާރިޖިއްޔާ ހިމެނެއެވެ. އަދި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާއި، ވިޔަފާރިއާއި އިޤްތިޞާދު، ފައިސާއާއި މާލީ ކަންކަމާއި ބިމާއި މުދަލާއި އުމްރާނީ ތަރައްޤީ ފާހަގަކޮށްލެވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނިގޮތުގައި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ބިލްތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާނީ ވަގުތާއި ޙާލަތަށާއި ބޭނުމަށް ރިޢާޔަތްކުރުމަށް ފަހުއެވެ. މި ގޮތުން ކޮންމެ އަހަރަކުވެސް މި ލިސްޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، މި ލެޖިސްލެޓިވް އެޖެންޑާ މަދުވެގެން އެއްފަހަރު މުރާޖަޢާކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފަވެއެވެ.

ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުގެ ލަފާއާއި މަޝްވަރާއާއެކުގައި އެކުލަވާލާފައިވާ މި ލެޖިސްލެޓިވް އެޖެންޑާ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://www.agoffice.gov.mv) އިން ބަލައިލެވޭނެއެވެ.

ލެޖިސްލެޓިވް އެޖެންޑާގެ ލިންކް: http://www.agoffice.gov.mv/dhi/#/Media/Legislative%20Agenda