ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތީ މި މޭ މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވެރިންނެވެ.
ސިޑްސް މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް މުޢިއްޒު، ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި މަހާސިންތާގައި ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ވެސް ގޮވާލައްވާފައެވެ.
މި ދަތުރުފުޅުގައި ސިޑްސްގެ ހަވާސާގައި ރައީސް ވަނީ އދ.ގެ ސެކްރެޓަރީޖެނެރަލާއި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!