އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބޭނުންވާ ކާގޯ ފޮނުވުމަށް ބޭނުންކުރާ ޖައްވީ އުޅަނދު އުފުލާ ސޯޔޫޒް-2.1އޭ ރޮކެޓް، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ފޮނުވާލައިފިއެވެ.
ރޮސްކޮސްމޮސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ރޮކެޓް ފޮނުވާލާފައިވަނީ ކަޒަކިސްތާނުގެ ބައިކޯނޫރު ކޮސްމޮޑްރޯމް އިން ކަމަށާއި ޕްރޮގްރެސް އެމްއެސް-27 ކާގޯ ޖައްވީ އުޅަނދު ދެ ދުވަހުގެ ތެރޭގައި އައިއެސްއެސްއާ ހަމައަށް ފޯރާނެ ކަމަށެވެ.
މި ޖައްވީ އުޅަނދުން އައިއެސްއެސްއަށް 2،504 ކިލޯގްރާމް (5،520 ޕައުންޑް) މުދާ ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި ސްޓޭޝަން ސިސްޓަމްތަކަށް ބޭނުންވާ 1،290 ކިލޯގެ އާލާތްތަކާއި ސާމާނާއި ސައިންޓިފިކް ތަހުލީލުތަކަށް ސްޓޯވޭޖް، ކްރޫންނަށް ބޭނުންވާ ފޭރާމާއި ކާބޯތަކެއްޗާއި މެޑިކަލް އަދި ސެނިޓަރީ ޕްރޮޑަކްޓްސް، ސްޓޭޝަނަށް ތެޔޮ އެޅުމަށް 754 ކިލޯގެ ތެލާއި، 420 ކިލޯގެ ބޯފެނާއި 40 ކިލޯގެ ނައިޓްރޯޖަން ހިމެނެއެވެ.
އަދި މީގެއިތުރުން ޕްރޮގްރެސް އެމްއެސް-27 އިން ރަޝިއާގެ ކޮސްމޮނޯޓުންނަށް ހަދިޔާ ވެސް ދޭނެއެވެ.
ސްޕޭސްވޯކެއް ހިންގި ފުރަތަމަ މީހާ އެލެކްސީ ލިއޮނޯވް އުފަންވިތާ 90 އަހަރު ފުރުމާއި ސެއިންޓް ޕީޓާސްބާގް ސްޓޭޓް ޔުނިވާސިޓީއަށް 300 އަހަރު ފުރުން ފާހަގަކުރާ ފޮޓޯތައް ވެސް މި ރޮކެޓުގައި ހިމަނާފައިވެއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ ބައިވެރިވާ ފަސް ޖައްވީ އިދާރާ ކަމަށްވާ ނާސާ (އެމެރިކާ)، ރޮސްކޮސްމޮސް (ރަޝިއާ)، ޖެކްސާ (ޖަޕާން)، އީއެސްއޭ (ޔޫރަޕް) އަދި ސީއެސްއޭ (ކެނެޑާ) ހިމެނޭ ގޮތަށް ޖައްވުގައި މީހުން ބޭއްތިއްބުމަށް އުފައްދާފައިވާ އާޓިފިޝަލް ސެޓެލައިޓް އަދި މަލްޓިނޭޝަނަލް ކޯލަބްރޭޓިވް ޕްރޮޖެކްޓެކެވެ.
އައިއެސްއެސް އަކީ މިހާތަނަށް އުފެއްދި އެންމެ ބޮޑު މޮޑިއުލާ ސްޕޭސް ސްޓޭޝަން ކަމަށްވާއިރު، އޭގެ އޯބިޓަލް ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ 1998 ވަނަ އަހަރުއެވެ.
މައިކްރޯގްރެވިޓީ އެންޑް ސްޕޭސް އެންވަޔަރަންމަންޓް ރިސާޗް ލެބޯޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އައިއެސްއެސް އަކީ 22 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ސްޓޭޝަނަކަށް ވާއިރު، ކޮންމެ 3-6 މަހަކުން އެސްޓްރޮނޯޓް ކްރޫން ބަދަލުކުރެއެވެ.
ގާތްގަނޑަކަށް އެއް މިލިއަން ޕައުންޑުގެ ބޮޑުމިނާއި 6 ކޮޓަރީގެ ގެއަކަށް ވުރެ ބޮޑު އެތެރޭގެ ޖާގައެއް އޮންނަ އެ އޯބިޓަލް ކޮމްޕްލެކްސް އެވްރެޖްކޮށް 400 ކިލޯމީޓަރު (250 މޭލު) އުސްމިނުގައި ދުނިޔެ ވަށައިގެން، ގަޑިއަކު ގާތްގަނޑަކަށް 28،000 ކިލޯމީޓަރު (17،500 މޭލު) ގެ ބާރުމިނުގައި ކޮންމެ 90 މިނެޓަކުން ބުރުޖަހައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!