ހައްޖުވެރިން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީ އެކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާއެއްގޮތަށް ޢަމަލުކޮށް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިއަހަރުގެ ހައްޖުގެ މަތިވެރިކަން އަދާކުރުމަށް ދިވެހި ހައްޖުވެރިން ފުރާ ދުވަސްތަކުގައި ވީއައިއޭގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރިކަން އަދާކުރުމަށް ދިވެހި ހައްޖުވެރިން ފުރަން ހަމަޖެހިފައި ވަނީ މި މޭމަހުގެ 31 އަދި އަންނަ ޖޫން މަހުގެ 3،7،10 މި ހަތަރު ދުވަހުއެވެ.
އެ ދުވަސްތަކުގައި ވީއައިއޭގެ ޓްރެފިކް މެނޭޖްކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް އެ ދުވަސްތަކުގައި ލަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
އެހެންކަމުން އެ ދުވަސްތަކުގައި ފުރާމީހުން ވެސް އެއާޕޯޓަށް ގޮސް ދުރާލާ ފުރުމުގެ ކަންކަން ނިންމުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ހައްޖުވެރިން ފުރުވަންދާ މީހުން ވެސް ފުލުހުންގެ އިރުޝާދުތަކަށް ޢަމަލުކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!