ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ރާއްޖެ އިން އަޅަން ތައްޔާރަށް އޮތް ކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ސްޓޭންޑް ނަގަމުން އަންނަ ކަމަށާއި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުން އަންނަނީ އެހެން ގައުމުތަކަށް ވުރެ ގިނަ މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމުގައި ހީނާ ވިދާޅުވިއެވެ.

Ad
rt

"އެެއީ ކޮންމެ ފިޔަވަޅެއް ކަމަށް ވިޔަސް އެ ފިޔަވަޅެއް އެޅުމަށް އޮތީ ތައްޔާރަށް،" ހީނާ ވިދާޅުވިއެވެ.

ހީނާ ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތް ފެށުނު ފަހުން ފަލަސްތީނުގެ ހައްގުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ދަނީ ވަރަށް ބޮޑަށް އެކަމަށް ވަކާލާތުކޮށް އަޑު އުފުލަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގައި ދިވެހި ސަރުކާރުން އަބަދުވެސް އެންމެ ކުރީ ސަފުގައި ނިކުންނާނެ ކަމަށާއި މި ކަމުގައި ފަހަތަށް ނުޖެހޭނެ ހީނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކީ ބައިނަލްއަގްވާމީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހިއެއް ނުވޭ ރާއްޖެއިން ކުރަމުންދާ ވަރަށް އެހެން ގައުމަކުން މަސައްކަތް ކުރަމުންދާހެން." ހީނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެކަމުގެ ބަދަލު ހިފަން އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. ހަމާސް އިން ދިން ކުއްލި އެ ހަމަލާގައި އިސްރާއީލްގެ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 36،096 ރައްޔިތުން ޝަހީދުކޮށްލައި 81،136 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ. އިސްރާއީލްގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކޮށްފައި ހުރީ ޣައްޒާގެ ދެކުނުން އޮންނަ ރަފަހަށެވެ. އެ ސަރަހައްދުގައި ދިރިއުޅުނު 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުން ފައިބައިފައެވެ.