ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ އެތުލެޓިކޯގެ ދަނޑުގައެވެ. އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެތުލެޓިކޯއިންނެވެ. ނަމަވެސް ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު 4-2 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ (5-4) އިން ކުރި ހޯދައި ޑޯޓްމަންޑް ވަނީ ސެމީން ޖާގަ ހޯދާފައެވެ.

Ad
rt

މިއީ ފާއިތުވި 11 އަހަރުތެރޭ ޑޯޓްމަންޑަށް ސެމީން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އެ ޓީމް އެންމެ ފަހުން ސެމީގައި ކުޅެފައި ވަނީ 2013 ވަނަ އަހަރުއެވެ. އެ އަހަރު ފައިނަލުގައި އެ ޓީމް ކުޅުނެވެ. ނަމަވެސް ބަޔާން އަތުން ފައިނަލުގައި ވަނީ ބަލިވެފައެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ދެ ލަނޑު ޖެހިއައި އެގްރިގޭޓް ނަތީޖާއިން ލީޑް ހޯދިއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ހޫލިއަން ބްރެންޓް ޖަހައިދިންއިރު ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖަހައިދިނީ މާޓެސަންއެވެ. ފުރަތަމަ ހާފު ނިމުނީ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި އެތުލެޓިކޯއެން ވަނީ ދެ ލަނޑުޖަހައި އެގްރިގޭޓް ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑަކީ މެޗުގެ 49 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ޑިފެންޑަރ ހަމެލްސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ދެވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ކޮއްރެއާއެވެ.

އޭގެ ހަތް މިނެޓް ފަހުން ޑޯޓްމަންޑުން ވަނީ ލަނޑުޖަހައި އަނެއްކާ ވެސް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 71 ވަނަ މިނެޓުގައި ސަބިޓްޒަ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފުލްކްރޫގެވެ. އޭގެ ތިން މިނެޓްފަހުން ފުލްކްރޫގް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލަނޑުޖަހައި ޑޯޓްމަންޑަށް ސެމީގެ ޖާގަ ކަށަވަރު ކޮށްދިނީ ސަބިޓްޒައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޑޯޓްމަންޑް ވާދަކުރަން ޖެހޭނީ ރޭ ބާސެލޯނާ ބަލިކޮށް ސެމީން ޖާގަ ހޯދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ މި މަހު 30 ވަނަ ދުވަހުގެ ރެއާއި އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. ދެވަނަ ލެގުގަ މެޗުތައް އޮންނާނީ މެއި މަހުގެ 7 ވަނަ ދުވަހުގެ ރެއާއި 8 ވަނަ ދުވަހުގެ ރެއެވެ.

މުބާރާތުގެ ކުއާޓާގެ އަނެއް ދެ މެޗު މިރޭ ކުޅޭނެއެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމިގެން ގޮސްފައިވަނީ 3-3 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައި ވަނީ ރެއާލްގެ ދަނޑުގައެވެ. މިރޭ ސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭނެއެވެ.

ކުއާޓާގައި މިރޭ ރަށުން ބޭރުގައި އާސެނަލް ނުކުންނާނީ ބަޔާން މިއުނިކާއި ދެކޮޅަށެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު މިރޭ މެޗުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭނެއެވެ.