ތ. ވޭމަންޑޫގައި ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 63 އަހަރުގެ މީހަކު ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ކާފަ ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެ ރަށު ކޯޓުން ކުއްލިއަކަށް ވަނީ ދޫކޮށްލައިފައެވެ. އެމީހާ ދޫކޮށްލި ކަމުގައި ވިޔަސް، މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމި ކަން އަދި ސާފެއް ނޫނެވެ.
އުމުރުން ދުވަސްވީ މީހާ ދޫކޮށްލި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވާފައިވާ ކަމަށެވެ.
"ކުޑަކުދިިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި މިދަނީ ދަންނަވަމުން،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!