ހދ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއްލައިދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް ކައުންސިލްގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިން މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބިނާރުގެ ތަރައްޤީއަށް ހުރި ކަންކަން ވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ހދ އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށް ވެސް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމާއެކު، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީވެގެން އަންނައިރު ޚާއްސަކޮށް ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެ ރަށަކީ 1990 ވަނަ އަހަރުން ފެށިގެން ވަރުވާއަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ 7.4 ހެކްޓަރުގެ ރަށެކެވެ.

އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 12 ޖޫން 2022 ގައި ވެސް ހުށަހެޅިއެވެ.