ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ފައިނަލުން ހޯރަފުށީ އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން އެއާޕޯޓުން ޖާގަ ހޯދީ ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން، އެއްމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
ހޯރަފުށީ ޕޮލިސް ޓީމް ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުން ވެސް ވީ އެއްވަރެވެ. އެ ޓީމް ފައިނަލުން ޖާގަ ހޯދީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ހޯރަފުށީ އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިރޭ 20:30 ގައި ހޯރަފުށީ ކްލަބް ފުޓްބޯލް ސްޓޭޑިއަމްގައެވެ.
މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ހޯރަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!