ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މާޔަންގެ ރަން ފަށް ދެ މީހަކުވެގެން ފޭރިގަތީ އިއްޔެ ފަތިހު އޭނާ ދުވަން ނުކުމެ އުޅެނިކޮށް، ބިންމައްޗަށް ވައްޓާލުމަށްފަހުއެވެ.
ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
''އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް'' ފުލުހުން ބުނެފަވެއެވެ.
މި މައްސަލައާއި ގުޅިގެން މާޔަން އިއްޔެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ހެނދުނު (އިއްޔެ) 6:15 ހާއިރު ހުޅުމާލޭ ކްލޭ ސްޓޭޑިއޯ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އައި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ފިލާފައިވާ ކަމަށެވެ.
މާޔަން ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގެންފި
އެ މައްސަލަ ވަގުތުން ހުޅުމާލޭ ޕޮލިހަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މާޔަން ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކު މިފަށް ވިއްކަން ނޫނީ އަޅައިގެން ހުއްޓާ ފެނިއްޖެއްޔާ އަންގައިދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
މި މައްސަލާގައި ފުލުހުން އިއްޔެ ބުނީ ސައިކަލެއްގައި ދިޔަ ދެ މީހުން ހުޅުމާލޭ ރީތި ގަސްމަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަތް މައްސަލައެއް (އިއްޔެ) ހެނދުނު 6:20ގައި އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!