ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައިވާ، މިހާރުގެ ވެސް އެދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރަށް ލިބިފައިވާ އެ ޕާޓީގެ ޓިކެޓް އަތުލައި، އޭނާ ޕާޓީން ވަކިކޮށްފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނިގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބުގައި، އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި، އެ ޕާޓީގެ ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރި، އަބްދުﷲ ޖާބިރު ޕާޓީގެ މެންބަރެއްގެގޮތުގައިހުރެ، އަދި އެ ޕާޓީގެ ކެންޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާކަމަށް މައްސަލައެއް އެ ޕާޓީއަށް ވަނީ ހުށަހެޅިފައެވެ.

Ad
rt

އެ މައްސަލަ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހު، ޖާބިރާމެދު ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

އެ މައްސަލަ ބެލުމަށްފަހު ޖާބިރުގެ އެ ޢަމަލަކީ އެ ޕާޓީއާއި، ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމަށް ކަނޑައަޅާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެންކަމުން އަބްދުﷲ ޖާބިރަށް 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

''އަބްދުﷲ ޖާބިރު މި ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ މި ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށާއި އަދި މި ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް އަބްދުﷲ ޖާބިރު މި ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައެވެ.'' އެމްޑީޕީން ބުނެފަވެއެވެ.