ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ ބާސެލޯނާ ކަޓައިފިއެވެ.

ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބިލްބާއޯއިން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ޖެހި ލަނޑުތަކުން ކުރި (4-2) ހޯދައިގެންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ މިނެޓުގައި ބިލްބާއޯއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ގޯކާ ގުރުޒެޓާއެވެ. ނަމަވެސް ބާސާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ބާސާގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހިއިރު، ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ލެމީން ޔަމާލްއެވެ. މި ލަނޑާއިއެކު އުމުރުން 16 އަހަރުގެ ޔަމާލް ވެފައިވަނީ ސްޕެނިޝް ކަޕްގައި އެންމެ ހަގުކޮށް ލަނޑުޖެހި ކުޅުންތެރިޔާއަށެވެ.

ބާސާ ކުރީގައި އޮވެގެން ދެވަނަ ހާފު ފެށިނަމަވެސް، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ބިލްބާއޯގެ އޮއިހަން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު ކާމިޔާބުކުރަން ރަނގަޅު ހުސް ދެ ފުރުޞަތު ފަހު ދިހަ މިނެޓްގެ ތެރޭ ބާސާގެ ޒުވާން ތަރި ޔަމާލް އަށް ވަނީ ލިބިފައެވެ. ނަމަވެސް އޭނާއަށް އެ ދެ ފުރުޞަތުގެ ބޭނުން ނުހިފުނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ބިލްބާއޯގެ ތިންވަނަ ލަނޑު ޖެހީ އިނާކީ ވިލިއަމްސްއެވެ. ހަތަރުވަނަ ލަނޑު ޖަހއިދިނީ އޭނާގެ ކޮއްކޮ ނިކޯ ވިލިއަމްސްއެވެ.

ސްޕެނިޝް ކަޕުން ސްޕެއިންގެ ގަދަ ދެބާރުކަމަށްވާ ބާސެލޯނާއާއި ރެއާލް ކަޓާފައިވާއިރު، ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ބިލްބާއޯގެ އިތުރުން ރެއާލް ސޮސިއެޑާޑް އާއި މަޔޯކާ އެވެ. ދެން އޮތް ޖާގަ ލިބޭނީ ކުއާޓާގެ ފަހު މެޗުގައި، ސެވިއްޔާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކަށެވެ.