އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅެފައި ވަނީ މިޑްލްސްބަރާގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިޑްލްސްބަރާއިންނެވެ. ރޭ ދެވަނަ ލެގު ޗެލްސީ ދަނޑުގައި ކުޅެފައިވާއިރު ރޭ މެޗު ޗެލްސީން ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 6-2 އިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ.
ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ ފުލަމްއާއި ލިވަޕޫލް، ފުލަމް ދަނޑުގައި ވާދަކުރާނެއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލިވަޕޫލުންނެވެ.
ލިވަޕޫލާއި ޗެލްސީ 2022 ވަނަ އަހަރު އެފްއޭކަޕާއި ލީގް ކަޕް ފައިނަލުގައި ކުޅެފައިވެއެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލުން ވަނީ އެ ދެމުބާރާތުގެ ފައިނަލުގައި ވެސް ޗެލްސީ ބަލިކޮށްފައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 25 ފެބްރުއަރީ ގައި ވެމްބްލީ ސްޓޭޑިއަމްގައެވެ.
ކުރިން ޕްރިމިއާ ލީގުގެ ޓޮޓެންހަމަށް ކޯޗުކޮށްދިން މިހާރު ޗެލްސީގެ ކޯޗް ޕޮޗެޓީނޯއަށް އިންގްލެންޑްގައި އަދި ތައްޓެއް ނުހޯދެއެވެ. މީގެ ކުރިން ޓޮޓެންހަމާއިއެކު 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ. އެފަހަރު ފައިނަލުން ބަލިވީ ލިވަޕޫލް އަތުންނެވެ. 2015 ވަނަ އަހަރު ޓޮޓެންހަމާއިއެކު ލީގު ކަޕް ފައިނަލުގައި ކުޅުނެވެ. އެފަހަރު ފައިނަލުން ބަލިވީ ޗެލްސީ އަތުންނެވެ.
ރޭ މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އެންޒޯ ފެނާންޑޭޒް، ޑިސާސީ، ޕާލްމާ އަދި މަޑޫކޭއެވެ. ޗެލްސީގެ ފުރަތަމަ ލަނޑަކީ މިޑްލްސްބަރާގެ ހޮސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިޑްލްސްބަރާގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޖާސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!