މިދިޔަ ހޮނިހިރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި ޒުވާނާ އަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
އައިޖީއެމްއެޗްގެ އަައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ފުވައްމުލަކު އާސްމާނުގެ، އިބްރާހިމް ސިމާން 30، އެވެ. ސިމާނަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު ހާލު ސީރިއަސްކަމުން ޖެހިގެން އައި ދުވަހު މާލެ ގެނެސްފައިވެއެވެ.
މާލެ ގެނައި އިރު ވެސް އެ ޒުވާނާގެ ހާލު ސީރިއަސްކަމުން ލާފައި އޮތީ ވެންޓިލޭޓަރަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!