އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތާއި މާލޭގައި މިސްކިތެއް އެޅުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

ޝަހީމް ވިދާޅުވީ، އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތް އަދި މާލޭގައި މިސްކިތެއް އެޅުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން މާލޭގައި އަޅަން ފުރުސަތު ލިބިފައި ވަނީ ތިން ބުރީގެ މިސްކިތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

''އިންޝާ ﷲ އެފަރާތްތަކަށް އެފުރުޞަތު ފަހިވެގެންދާނެ. ކުރިއަށް އޮތް ދޮޅުއަހަރު ތެރޭ މިތަންތަނުގެ މަސައްކަތް ނިމޭނެ އިންޝާ ﷲ'' ވަޒީރު ވިދާޅުވެފަވެއެވެ.

މީގެ ކުރީން ވެސް މާލެ އާއި ހުޅުމާލޭގައި އަމިއްލަ މީހުންގެ އެހީ ވަނީ ޒަމާނީ ރީތި މިސްކިތްތަކެއް ބިނާކޮށްފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ވެސް މިފަދަ މިސްކިތްތައް ވަނީ ބިނާކޮށްފައެވެ.

އަމިއްލަ ފަރާތްތަކުގެ އެހީގައި އަޅާ މިފަދަ ބައެއް މިސްކިތްތައް މަރާމާތުކުރުމާއި، ފޮޅާ ސާފުކުރުމާއި މުވައްޒަފުންގެ ޚަރަދުތައް ވެސް ބައެއް ފަރާތްތަކުން އަންނަނީ އަމިއްލަ ހަމަޖައްސައިދެމުންނެވެ.