މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށާއި މާލެ ސިޓީގެ މެންޑޭޓް ނުދަންނަ މީހަކަށް މާލޭގެ މޭޔަރު ކަން ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" އިން ގެނެސްދޭ މާލޭ މޭޔަރުންގެ ބަހުސްގެ ސިލްސިލާ ބަހުސްތަކުގެ ތެރެއިން ރޭގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ މަގާމެއް ކަމަށާއި އެކަމުގައި ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

Ad
rt

"މިހާރު އޮތް މާލެ ސިޓީ ކައުންސިލްގެ މެންޑޭޓަށް އެކަނި ބަލާލިޔަސް، އެ މެންޑޭޓަކީ ތަންދޮރު ނުދަންނަ މީހަކަށް ހަވާލުވެގެން ހިންގޭނެ ކަމެއް ނޫން. ތަން ދޮރު ނުދަންނަ ދައުލަތް ހިނގާ ގޮތް، ދައުލަތުގެ އިދާރީ އޮނިގަނޑު ނޭނގޭ މީހަކަށް މިކަން ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އާޒިމާ ވިދާޅުވިއެވެ.

މޭޔަރުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުތައް ހެދުމާއި ގަވައިދުތައް ހެދުމާއި މުނިސިޕަލް ބޮންޑް ވިއްކުމުގެ ބާރަކީ ވެސް ސިޓީ ކައުންސިލަށް ދީފައި އޮތް ބާރެއް ކަމުގައި އާޒިމާ ވިދާޅުވިއެވެ.

"މި ދަންނަވަނީ ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ނޭނގޭ މީހަކު އައިސްގެން މިކަހަލަ ކަންކަން ނުކުރެވޭނެ. ފައިނޭންޝިއަލް ގަވަނަންސް ނޭނގޭ މީހަކަށް ވެސް މިކަމެއް ނުކުރެވޭނެ. ހަމަމިއާއެކު ކްރައިމް ކޮންޓްރޯލް އެއީ މާލެ ސިޓީގެ މޭޔަރު ކަމުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުގައި އޮތް ކަމެއް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން އާންމު އިޖުތިމާއީ ގާނޫނާ ހިލާފަށް ކަން ކުރުމުގެ ގާނޫނު ބެލެހެއްޓުމުގެ ޒިންމާ އޮތީ ވެސް މާލެ ސިޓީގެ މޭޔަރަށް ކަމަށެވެ. މަގުމަތީގައި އަނިޔާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގާ ނަމަ، އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"އެއީ މިނިސިޕަލް ސާވިސްތަކާއި މުޅިން ތަފާތު ކަމެއް، ފެން ހިންދުމާއި ބުޅާ ނައްތާލުން މިއީ ވަރަށް ތަފާތު މެންޑޭޓްތަކާއި އެކުގައި އިތުރަށް ހުރި މެންޑޭޓް،".

"މިކަންކަން ނޭނގޭ، ވައްޓަފާޅި ނެތް މީހަކަށް މާލެ ސިޓީގެ މޭޔަރު ކަން ނުކުރެވޭނެ،" އާޒިމާ ވިދާޅުވިއެވެ.